logo

ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ހިއްސާ ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ދިޔާމާ އިބްރާހިމް
9 ގަޑިއިރު ކުރިން

ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި، ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު، ޔައުގޫބު އަބްދުﷲ ވިދާޅުވީ، މިހާރު ގްރޭޑް އެކަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ، މިއަންނަ އަހަރު ގެންނަން ނިންމާފައިވާ ބަދަލުތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއަހަރުގެ ދިރާސީ އަހަރު ނިމެން ކުޑަދުވަސް ކޮޅަކަށް ވެފައިވާ އިރު، ގެންނަން ނިންމާފައިވާ އެއްވެސް ބަދަލެއް ތަޖްރިބާކާރުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި ހިއްސާ ކޮށްފައި ނުވާ ކަން އޭނާ ވަނީ ފާހާގަކުރައްވާފައެވެ.

ނޮވެންބަރު މަހަކީ ޓެސްޓު ދުވަސްވަރަށް ވުމުން އެ މުއްދަތުގެ ތެރޭގައި ޓީޗަރުންގެ މަސައްކަތްތައް ދާނީ ދަރިވަރުންގެ ޓެސްޓުތައް މާކް ކުރުމާއި އެސެސް ކުރުމުގައި ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ސްކޫލް ބަންދަށް ގޮސްފައި، ޖެނުއަރީގައި ސްކޫލް ހުޅުވޭއިރު ގްރޭޑް އެކެއްގެ ދަރިވަރުންގެ އައު މަންހަޖަށް ތައްޔާރުވުމުގެ ފުރުސަތު ޓީޗަރުންނަށް ނުލިބޭނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެހެންކަމުން ޓީޗަރުން ކިޔަވަދޭން ޖެހޭނީ ރަނގަޅަށް ތައްޔާރު ނުވެ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް ލިބެން ޖެހޭ ކޮލިޓީ އެޑިއުކޭޝަން ނުލިބޭނެކަމަށް ޔައުގޫބު ވިދާޅުވިއެވެ. ހަމައެއާއެކު މިގެންނަ ބަދަލަކީ ދާއިރާގެ ތަޖުރިބާ ހުރި އެއްވެސް ފަރާތަކާ މަޝްވަރާ ނުކޮށް ގެންނަ ބަދަލެއް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގައި ގްރޭޑް އެކަކުން ގްރޭޑް ފަހެއްގެ ދަރިވަރުންގެ މަންހަޖަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ ޔައުގޫބު ވިދާޅުވީ، ގްރޭޑް އެކަކުން ފެށިގެން ގެންނަ ބަދަލު ގްރޭޑް 10 ނިމެންދެން ފުރިހަމަ ކުރަން ޖެހޭނެކަމަށެވެ. ނަމަވެސް މިސަރުކާރުން އެ ބަދަލުތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ފެނިގެން ދަނީ އަނެއްކާ ވެސް އަލުން ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ބަދަލު ގެންނަ މަންޒަރުކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ، ސްކްލޫތަކަކީ ހަމައެކަނި ކިޔަވައިދީފައި ނިންމާލެވޭނެ ތަނަކަށް ވެގެން ނުވާނެ ކަމަށާއި، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބައެއް ސްކޫލްތަކުން ދަރިވަރުންނަށް ބާއްވާ އިތުރު ހަރަކާތްތައް މަދުވަމުން އަންނަ ކަމަށާއި، ބައެއް ސްކޫލް ތަކުން އެއްގޮތަކަށް ވެސް އިތުރު ހަރަކާތްތައް ކުރިޔަށް ނުގެންދާކަން ފާހަގަކުރެއްވޭކަމަށެވެ.

މިއަދު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ޔައުގޫބް ވަނީ ކިޔަވާ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ ގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ ބެހޭ ގޮތުންވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ސްކޫލްތަކުގައި ނަފްސާނީ ގޮތުން ދަރިވަރުން ކުރިމަތިލާ ކަންކަން އިތުރުވާ މިންވަރު ދަނެގަނެ، އެކަމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތް ޕްރޮފެޝަނަލްސް ގުޅިގެން އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހެޕްލައިނެއް ވެސް ހެދިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެމަސައްކަތަށް ހެދިފައިވާ އެއްބަސްވުންތައް ވެސް މިހާރު ހުއްޓާލާފައިވާކަން ވަނީ ހާމަވެފައިކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުގޫބް ވަނީ ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި ޓީޗަރުންނަށް ދޭ އަހަމިއްޔަތުކަން ކުޑަ ކުރަމުންދާ ތަން ފެންނަކަމަށް ވިދާޅުވެފައެވެ. އަދި ސިވިލް ސާރވިސްގެ މުއައްޒަފުންނަށް މުސާރަ ބޮޑުކުރުމުގައި ޓީޗަރުން ފަދަ ފަންނީ ބުރަ މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރަ އެއްހަމަ ވެގެންނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދާދި ފަހުން ގިނަ އަދަދެއްގެ ޓީޗަރުން ވަނީ މި ދައިރާއިން ވަކިވެފައި ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ. އަދި މިއީ ތައުލީމީ ދާއިރާއަށް އަގު ނުކުރެވޭ ވަރުގެ ގެއްލުން ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

ad