logo

މަސްގަންނަން މިފްކޯއަށް ދެމުންދިޔަ ސަބްސިޑީ ސަރުކާރުން ހުއްޓާލައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ރަނގަޅު ބަދަލުތަކުގެ ތެރެއިން، މަސް ގަންނަން މިފްކޯއަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިރުއިރު، ރާއްޖޭގައި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިނުވާކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މީގެ ކުރިން މަސްވެރިކަމުގެ ސިނާއަތް ހިންގަމުން އައީ ސިޔާސީ މަގުސަދުތަކަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމާ ގުޅިގެން، ކޮންމެ ކިލޯއަކަށް ދައުލަތުން 13 ރުފިޔާގެ ރޭޓުން މިފްކޯއަށް ސަބްސިޑީ ދޭންޖެހުނު ކަމަށާއި، މީގެ ސަބަބުން އަހަރަކު ބިލިއަނުން ރުފިޔާ ދައުލަތުން ޚަރަދުކުރަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އަހަރެއްގެ މައްޗަށް ބިލިއަނުން ފައިސާ ހޭދަވާކަން ފާހަގަކުރައްވައި، އެ ފައިސާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށާއި ފެކްޓްރީތައް ހެދުމަށް ޚަރަދު ނުކުރީ ކީއްވެތޯ ވަޒީރު ސުވާލު އުފެއްދެވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއެކު މިފްކޯގެ މަސައްކަތްތައް ހަރުދަނާކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ދުވާލަކު މަސް ބަންދުކުރެވޭ މިންވަރު 300 ޓަނަށް އިތުރުކުރުން ކަމަށާއި، ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި މަސް ޕްރޮސެސިން ފެސިލިޓީ ގާއިމްކުރުމުގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ ދެގުނަ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު މިފްކޯގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ އައު ސިޔާސަތުތަކާއެކު އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ސަބްސިޑީއާ ނުލައި މަސްގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކުންފުންޏަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ad