ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެެއްގައި ބުނީ ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ ކަމަށާއި، އަދި މިހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށެވެ. މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށާއި، ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ވެސް ފުލުހުން ވަނީ އަރުވާފައެވެ.
މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ވާހަކަވެސް ފުލުހުން ފާހަގަ ކޮށްފަވެއެވެ.


