ރޭ ފަތިހު މއ. ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށާއި އޭގެ ތެރެއިން އެކަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:27 ހާއިރެއެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ފުރަތަމަ ހިނގީ ދެ ފަންގިފިލާއަށް ހަދާފައި ހުންނަ މއ. ދޫގަސްވިލާގެ ބަދިގޭގައެވެ. މިއިމާރާތުގެ 5 ކޮޓަރިއެއްގައި ތިބި 15 ބިދޭސީން ރައްކާތެރިކަމާއެކު އެތަނުން ބަދަލުކުރެވިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަނެއް ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާ 3 މީހުންނާއި ސްރީލަންކާގެ މީހެކެވެ.
އެންޑީއެމްއޭއިން ބުނީ، ދޫގަސްވިލާގެއާ އިންވެގެން ހުރި އިމާރާތުގެ ފެނުގެ ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. މީގެ ތެރޭގައި 20 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ. އަދި އަލިފާން ރޯވި އިމާރާތާއި އެއާ އިންވެގެން ހުރި މއ.ދޫގަސް 1ގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް މި ހާދިސާގެ އަސަރުކޮށް ވަގުތީގޮތުން އެތަންތަނުން ބަދަލުކުރެވިފައިވާ ކަމަށެވެ. މިފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއިން އަންނަނީ ކުރަމުންނެވެ.
ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާއަށް ގުޅައި، ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެންގި ކަމަށް އެ އެންޑީއެމްއޭއިން ބުނެއެވެ. އަދި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

