ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި ހިތްވަރުގެ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދުން ދިވެހިންގެ އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަން ރަމްޒުކޮށްދޭކަމަށެވެ. އަދި މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމުގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ބަޠަލުންގެ ޒިކުރާ އާ ކުރައްވައި މި އުފާވެރި ދުވަހުގެ ތަހުނިޔާ ދިވެހި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްތިޔުންނަށް އެކަމަނާ ވަނީ ފޮނުއްވާފައެވެ.
ރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަން ތަކުރުފާނާއި، އަލީ ހާޖީ އާއި ހަސަން ހާޖީގެ އިތުރުން އަލީ ދަންޑަހެލެ ނިކުމެ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމެވެ.
މިފަދަ ޤައުމީ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ.އުތީމުގައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

