ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެމަގުގެ މިހާރު ހަދަމުން އަންނަ ބައި އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން އެކްސްގައި އާންމުކޮށްފައިވަ ޕޯސްޓެއް ގައި ބުނީ، ބޭރުމަގު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ބައިގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ 2 ވަނަ އަދި 3 ވަނަ ސެގްމަންޓްގެ ޕާކިން ޒޯނާއި ދުވާރުގެ މަސައްކަތްތަކާއި، މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުން ނިންމާލާފައިވާއިރު، އެ ސަރަހައްދުތަކުގެ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޕާކިންގ ޒޯންތަކުގައި ނިޝާން ޖެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައްވެސް އެއްކޮށް ނިންމައި، މުޅި މަޝްރޫއު ނިންމުމަށް މަސައްކަތް ކުރަމުންދަ ކަމަށް އެމްޓިސީސީން ބުނެ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ. މި މަޝްރޫއުގެ ތެރެއިން ފަޅު ހިއްކައިގެން 500 ސައިކަލް ޕާކުކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ގައެވެ. ހަތަރު މަސް ފަހުން އެ ސަރަހައްދު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވުމަށް ފަސޭހަވުމެވެ. ޖާގަ ތަނަވަސް ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުވުމެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ވަނީ ލަސްވެފައެވެ. އެހެންނަމަވެސް ސަރުކާރުން އަމާޒު ހިފާފައިވަނީ މިމަހު 26 ގައި އެމަގު ހުޅުވާއިރު، އެއީ ހިތްފަސޭހަ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ފަދަ މާހައުލަކަށް ހެދުމަށެވެ.

