logo

ޗުއްޓީއަށްފަހު ދަރިވަރުން ސްކޫލަށް، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީ ނިމި ރިޕޯޓް ފޮތް ދިނުމާއެކު ދަރިވަރުންގެ ޗުއްޓީ ފެށުނީ މިދިޔަ މަހުގެ 16 ގައެވެ. އެހެންކަމުން ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ 16 ދުވަހުގެ ޗުއްޓީފައެވެ.

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ތަޢުލީމީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ރާއްޖޭގެ ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ.

އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުންނަށް ޖާގަ ދީފައިވާއިރު އަތޮޅުތެރޭގެ ސްކޫލްތަކުން ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ޖާގަ ދީފައިވެއެވެ.

ދަރިވަރުންގެ ބޮޑު ޗުއްޓީއަށްފަހު، އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17ގައެވެ.

ad