logo

ޓެކްސް އޮޑިޓްކުރުމުގައި ތަފާތުކުރުމެއް ނެތް، ރިސޯޓުތައްވެސް ދަނީ އޮޑިޓްކުރަމުން: މީރާ

މަރްޔަމް
3 ގަޑިއިރު ކުރިން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިޔަފާރިތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަކި ބަޔަކަށް އިސްކަންދިނުމެއް ނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށާއި، މިގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ރިސޯޓުތައް ވެސް އޮޑިޓް ކުރަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މީރާއިން މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން އެ އިދާރާއަށް މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ ޓެކްސް ޤާނޫނުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމާއެކު، ޤާނޫނީ ގޮތުން ދައުލަތަށް ލިބެންޖެހޭ އެންމެހައި ޓެކްސްގެ ފައިސާ ހޯދައި ބެލެހެއްޓުން ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން އެކަން ކުރަނީ ޤާނޫނީ އިމުގެ ތެރެއިން، ޞައްޙަ ހިސާބުތަކަކަށް ބިނާކޮށްތޯ ކަށަވަރުކުރުމަކީ މީރާގެ ޤާނޫނީ ވާޖިބެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ވިޔަފާރިއެއްގެ ކުޑަބޮޑުމިނަށް ނުވަތަ އެ ވިޔަފާރިއެއް ހިންގާ ދާއިރާއަކަށް ބެލުމެއް ނެތި، ހުރިހާ ފަރާތްތަކަކަށް ޤާނޫނު ހަމަހަމަކަމާއެކު ހިންގުމަކީ މީރާ އުފެދުނީއްސުރެ ހިފަހައްޓަމުން އަންނަ މައިގަނޑު އަސާސެކެވެ. މީރާގެ އޮޑިޓް މަސައްކަތްތަކަކީ ދުރާލައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭނާއި، ޢާންމުކޮށް ޝާއިޢުކޮށްފައިވާ "ކޮމްޕްލަޔަންސް އިމްޕްރޫވަމަންޓް ޕްލޭން" ގެ ދަށުން، ފުރިހަމަ އިންތިޒާމުތަކަކާ އެކު ކުރިއަށްގެންދާ ކަންކަމެވެ.

މީގެއިތުރުން، އޮޑިޓް ކުރުމަށް ފަރާތްތައް ކަނޑައަޅަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ "ރިސްކް ބޭސްޑް" ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ނިޒާމެއްގެ ތެރެއިން އިންސާފުވެރިކަމާއެކު ކަމަށް މީރާއިން ބުންޏެވެ. ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށްވުމާއެކު، އެ ދާއިރާގެ ވިޔަފާރިތަކާއި ރިސޯޓުތަކުގެ އިތުރުން އެހެނިހެން ސިނާޢަތްތައް ވެސް އެއް އުސޫލަކުން އޮޑިޓް ކުރެވެމުންދާކަން އެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
ޓެކްސް ދެއްކުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެވިފައިވާކަން ފާހަގަކުރަމުން މީރާއިން ބުނީ، އެ އިދާރާގެ އަބަދުވެސް މަޤްޞަދަކީ ވިޔަފާރިތަކަށް އެހީތެރިކަން ދީގެން އަމިއްލައަށް އިސްނަގައިގެން ޓެކްސް ދެއްކުމުގެ ޘަޤާފަތެއް އަށަގެންނެވުން ކަމަށެވެ. ނަމަވެސް، ޤާނޫނާ ޚިލާފަށް ގަސްދުގައި ޓެކްސް ނުދައްކައި ވާވަދުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ޤަވާޢިދުން ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފައެވެ.

މީރާއިން މިފަދަ ބަޔާނެއް ނެރެ މިކަންކަން ސާފުކޮށްދީފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށްޓަކައި މީރާއިން ޚާއްޞަ އޮޑިޓެއް ހަދަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށެވެ.

ad