logo

އެމްއެންޑީއެފް ޕެރޭޑް މާދަމާ ހުޅުމާލޭގައި ބާއްވަނީ

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ހާއްސަ ޕެރޭޑާއި ރޫޓް މާޗް، މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، ހުޅުމާލޭގައި މި ޕެރޭޑް ބޭއްވުމަށް ކުރިން ތާވަލުކުރީ އިއްޔެއަށެވެ. ނަމަވެސް މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން އިއްޔެ މި ހަރަކާތް ކުރިއަށް ނުގެންދެވުމާ ގުޅިގެން، މިހާރު ވަނީ މާދަމާ ހަވީރު 16:30 ގައި ޕެރޭޑް ފެށުމަށް ހަމަޖައްސާފައެވެ.

މި ޕެރޭޑް ކުރިއަށްދާ ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަޑުކޮށް، ސިފައިންގެ ބޭންޑުގެ ހިތްގައިމު ހުށަހެޅުންތައް ދައްކާލުމަށް ވަނީ ރޭވިފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ އާދިއްތަ ދުވަހު މާލޭގައި ވެސް ވަނީ ކުލަގަދަ ހަރަކާތްތަކެއް ބާއްވާފައެވެ. މި ހަރަކާތްތަކުގެ ތެރެއިން މާލޭގެ ތިން ސުކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ތަފާތު ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް ހުށަހަޅައިދީފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ނަށާ ގްރޫޕުތަކާއި ބޮޑުބެރުގެ ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ހާއްސަ ހުށަހެޅުންތަކެއް ވެސް އެ ރަސްމިއްޔާތުގައި ފެނިގެންދިޔައެވެ.

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަނަމަވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސުކޫލް ކުދިންގެ ޕެރޭޑަށެވެ.

ad