ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮޕް31 ސަމިޓުގެ ހަވާސާގެ ތެރެއިން ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، 2017 ވަނަ އަހަރު އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މުހިންމު މަޢުލޫމާތުތައް ޙިއްސާކުރައްވައި، "ޒީރޯ ވޭސްޓް" ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ކަނބަލުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި މިފަދަ ހަރަކާތްތައް ފަށައި ހިންގުމަށް ހިތްވަރުދެއްވަމުން، މިކަން ތަންފީޒުކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމިނޭ އުރުދުޣާން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތިމާވެށި ޙިމާޔަތްކުރުމާއި ކުނި މަދުކުރުމުގެ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މި ބައްދަލުވުން ނިންމަވާލެއްވީ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް އައުކުރައްވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ ތުރުކީވިލާތުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި
މަރްޔަމް
6 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮޕް31 ސަމިޓުގެ ހަވާސާގެ ތެރެއިން ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރެއްވުން
