މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ޔަޒްމީދު މި މަގާމަށް އައްޔަންކުރައްވާފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކުރައްވާފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓެކެވެ. މީގެ އިތުރުން، އޯޕަން ޔުނިވަސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަސް ޑިގްރީ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
ޔަޒްމީދަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، ގަވަނަންސް، އޮޑިޓިންގ، އެންޓި-ކޮރަޕްޝަން، އެކައުންޓިންގ، ފައިނޭންސް އަދި ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމުގެ އިތުރުން އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ހިމެނެއެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ހާމަކުރި ގޮތުގައި، އަލަށް އައްޔަންކުރެއްވި ސީއީއޯގެ އިސްނެގުމުގެ ދަށުން އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެ، ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. އެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން ރައްޔިތުންނަށް އަބުރުވެރި ރިޓަޔަމަންޓެއް ކަށަވަރުކޮށްދިނުމެވެ.

.jpg&w=256&q=75)
