ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ނުވިއްކާގޮތަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިގޮތަށް ނިންމެވީ، 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެގޮތުން، ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ނުވިއްކުމަށާއި ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާގޮތަށް ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މީގެ އިތުރުން، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
އަދި ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށާއި، ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ރައީސްގެ އޮފީހުން ބުނެއެވެ.
މިއީ ސްކޭމްގެ މައްސަލައަށް އެޅިގެންދާނެ ވަރަށް ހަރުދަނާ ފިޔަވަޅަކަށް ވެގެން ދާނެއެވެ.

