logo

ލަގްޒަރީ ދަތުރުތަކަށް ޚާއްޞަކޮށްގެން މޯލްޑިވިއަނުން 'ކިންގް އެއާ 360' މަރުކާގެ ބޯޓެއް ގެނެސްފި

މަޒީ
4 ގަޑިއިރު ކުރިން

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ލަގްޒަރީ ދަތުރުތައް ފެށުމަށްޓަކައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ.

މިއީ، ޤައުމީ އެއާލައިނުން މިމަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.

މި މަތިންދާބޯޓުގައި 8 ފަސިންޖަރުންގެ ޖާގަ ހިމެނެއެވެ.އަދި މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޚާއްޞަ ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ބޭނުން ކުރާނެއެވެ.

މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުން އަންނައިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެެއް ތަނަަށް ގެންދިއުމަށް އެންމެ ގިނަ މަސައްކަތެއް ކުރާ އެއް ކުންފުންޏަށް މޯލްޑިވިއަންވާނެ ކަމަށެވެ.

މޯލްޑިވިއަނުން އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، މިއަދު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރެވޭ މި ބޯޓާއެކު ފަތުރުވެރިންގެ އަދި ދާއިރާގެ ހިއްސާދާރުންގެ ބޭނުންވާ ވަރަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި މިއާއެކު، ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ކުރާ ދަތުރުތަކުގައި މި ބޯޓު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ޢަލީ ސަލީމް ވިދާޅުވީ، "ކިންގް އެއާ 360" ބޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުރުޞަތު ހުޅުވާލެވި، ޚިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ދެ އިންޖީނު އަޅާފައިވާ ޓާބޯޕްރޮޕްގެ މި މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، އިތުބާރާއި، އަދި ހިތްފަސޭހަ ކެބިންގެ ސަބަބުން މަޤުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި، ދަތުރުވެރިން ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ފުރޭ ގޮތަށް ދޭ މި ޚިދުމަތުގެ ސަބަބުން ޓްރާންސިޓުގައި އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަކަމާއެކު ދަތުރު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މިއީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ވަނީ ސިފަކޮށްފައެވެ.

ad