މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 2،454 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި މިފްކޯއަށް 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މުއްދަތުގެ ތެރޭގައި 5 ހާހެއްހާ ޓަނުގެ މަސް މިފްކޯއަށް ވަނީ ކިރުވާފައެވެ.
މިފްކޯއަށް ކިރުވި މަހުގެ ތަފްސީލަށް ބަލާއިރުގައި ކަޅުބިލަމަސް ޖަނަވަރީ މަހު ވަނީ 2،302 ޓަނު، ފެބުރުވަރީ މަހު 980 ޓުނު އަދި މާރިޗް މަހު 1،5117 ޓަނު ވަނީ ކިރުވާފައެވެ. މިފްކޯއިން ކަންންލި ޖަނަވަރީ މަހު ކިރުވާފައިވަނީ 153 ޓަނު ފެބުރުވަރީ މަހު 128 ޓަނުގެ ކަންނެލި ކިރުވާފައިވާއިރު މާރިޗް މަހު 108 ޓަނުގެ ކަންނެލި ވަނީ ކިރުވާފައެވެ.
މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ 40.3 މިލިޔަން ރުފިޔާއެވެ. އަދި ފެބުރުވަރީ މަހުގެ ތެރޭގައި 19 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ދޫކޮށްފައިވަނީ 29.3 މިލިޔަން ރުފިޔާއެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތްވެސް ދަނީ ހަމަޖައްސަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

