logo

އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދިނުމުން އދ ގެ ސެކްޓެޓަރީ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
6 ދުވަސް ކުރިން

އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ޤައުމުން ބޭރަށް ގެންދިޔުމުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމެރިކާގެ ޙަމަލާއަށް ފަހު ރަޝިޔާއާއި ޗައިނާގެ ތާއީދާއެކު ވެނެޒުއެލާއާއި ކޮލޮމްބިޔާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ. 15
މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ ބައްދަލުވުމެއް މިހާތަނަށް ތާވާލުކޮށްފައެއް ނުވެއެވެ.

ގުޓެރޭޒްގެ ތަރުޖަމާނު، ސްޓެފާން ވިދާޅުވީ އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް ކަމަށެވެ. އދގެ ޗާޓަރު ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމުކުރުމުގެ މުހިންމުކަން ގުޓެރޭޒް ފާހަގަކުރައްވައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޙާލަތުގައި ބައިނަލްއަޤްވާމީ ޤާނޫނަށް ޢަމަލުކޮށްފައި ނުވާތީ ގުޓެރޭޒް އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެނެޒުއެލާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ އދގެ ސަލާމަތީ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެއީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައާއި ޑިސެންބަރު މަހުގެ ތެރޭގައެވެ.

އެމެރިކާގެ ޙަމަލާއާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވައި ފޮނުއްވި ސިޓީއެއްގައި ވެނެޒުއެލާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސެމުއެލް މޮންކަޑާ ވިދާޅުވީ އެމެރިކާއިން ޞުލްޙަވެރި ޤައުމަކާ ދެކޮޅަށް އަސްކަރީ ޙަމަލާއެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ ސަރަޙައްދީ ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބާރުގެ ބޭނުންކުރުން މަނާކުރާ އދގެ ޗާޓަރާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ad