މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވެވޭގޮތަށް ކުރިއަށް ގެންދެވުނު ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މިއީ، އެމްއޭސީއެލް ގެ އިޖްތިމާއީޒިންމާގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދެވުނު މި ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމާއި މީގެއިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމެވެ.
އެ ކުންފުނީގެ އިޖްތިމާއީޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް އެމްއޭސީއެލް އިން ކުރިއަށް ގެންދެއެވެ.

