logo

ގްރީން ޓެކުހުގެ ގޮތުގައި 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މާރިޗުމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެގޮތުގައި ދައުލަތަށް 585 މިލިޔަން ރުފިޔާވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެގޮތުގައި ލިބުނު 407 މިލިޔަން ރުފިޔާއާއަޅާ ބަލާއިރު، 43 އިންސައްތަ އިތުރު އަދަދެކެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ހަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ad