logo

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހާއްސަ ނަމްބަރަކީ 1655

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރުގެ ގޮތުގައި 1655 ހަމަޖައްސައިފިއެވެ.

ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު އާއްމުކުރީ، މާލެ ޓެކްސީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެމްޓިސީސީއިންނެވެ.

އެ ކުންފުނިން މިއަދު އެކްސްގައި އާއްމުކުރި ޕޯސްޓުގައި ބުނީ، އަލަށް ތައާރަފްކުރާ ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ސަރުކާރުން މި ހިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. 24 ގަޑިއިރު ދޭ މި ހިދުމަތް ސީދާ ފަށާނެ ތާރީހެއް އަދި ނޭނގޭއިރު، މިކަމަށް ބޭނުން ކުރާނީ އިލެކްޓްރޯނިކް ވެހިކަލްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ޓެކްސީތައް މާލެ ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރިޗު 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދެ ބެޗަކަށް ބަހާލައިގެން ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުރަތަމަ ބެޗް ތައިލެންޑުން ގެންނަން ނިންމިއިރު ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.

އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި، ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އެއީ، 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުންނެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 150 ކާރާއެކު ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށެވެ.

ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ގާއިމުކޮށް ޓެކްސީގެ ހިދުމަތް ދޭން ނިންމީ، މާލޭ ސަރަހައްދުން ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ޒަމާނީ ފެންވަރުގެ ޓެކްސީ ހިދުމަތެއް ދިނުމުގެ މަގްސަދުގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ad