logo

ރާއްޖޭގައި މުސާރަ އެންމެ ބޮޑުވާންޖެހޭނީ އެންމެ ބުރަކޮށް މަސައްކަތް ކުރާ ޓީޗަރުންނާއި ނަރުހުންގެ: ރާޝިދާ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މި ގައުމުގައި އެންމެ ބުރަކޮށް މަސައްކަތްކޮށް، އެންމެ ބޮޑު ޒިންމާއެއް އުފުލާ ޓީޗަރުންނާއި ނަރުހުންގެ މުސާރަ، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

ރާޝިދާ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސާއިންގެ މުސާރަ ދެގުނައަށް ބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ.

ޕޭ ކޮމިޝަނުން ފުރަތަމަ ނިންމީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް 41,000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނަށް 21,000 ރުފިޔާ ދޭން ނިންމިއެވެ.

މި ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް މިހާރު ވަނީ ސިޓީތަކާއި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރަ ކުޑަކޮށްފައެވެ. އެ ނިންމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރާޝިދާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ގައުމުގައި އެންމެ ގިނަ ވަގުތު ހޭދަކޮށް، ޒިންމާދާރުކަން ބޮޑުކޮށް ވަޒީފާ އަދާކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.

މީހުންގެ ފުރާނައާ ސީދާ ގުޅިފައިވާ މި މަސައްކަތްތަކަކީ ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުލިބޭ ވަޒީފާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅައިގެން ތިބޭ ބައެއްކަން ފާހަގަކުރައްވައި، ރާޝިދާ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު، ޖެހިގެން އެންމެ ބޮޑު މުސާރައެއް ލިބޭ ބަޔަކަށް ވާންޖެހޭނީ އެމީހުން ކަމަށެވެ.

ނުސީދާ ގޮތެއްގައި ޑަބްލިއުޑީސީ ރައީސާއިންގެ މުސާރަ ބޮޑުކުރި ވާހަކައަށް ވެސް އޭނާ ވަނީ ރައްދެއް ދެއްވާފައެވެ. މިގޮތުން، ފެންނަމުން ދަނީ، ވަރަށް ވެސް ބޭއިންސާފު ފިޔަވަޅުތަކެއް އަޅާ މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާޝީދާ އެ ފަދައިން ވިދާޅުވިއިރު، މީގެ ކުރިން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އަދި، ސިޓީތަކުގެ ޑަބްލިއުޑީސީ ރާއިސާއިން ލިބެނީ، 7،000 ރުފިޔާއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅެކެވެ. އެގޮތުން، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފިނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ad