ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގަ އެ ދާއިރާގެ މެންބަރުކަން ކުރިންވެސް ކުރެއްވި މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ޕީއެންސީގެ ޕްރައމެރީގަ ހިތަދޫ ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލުގައެވެ.
މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލާފައިވަނީ ކަލާފާނު ސުކޫލުގައި ބެހެއްޓި ފޮއްޓަށެވެ.
މި ޕްރައިމަރީގައި 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފަވެއެވެ. ސިނާން ޕީއެންސީ ޓިކެޓް ކާމިޔާބު ކުރައްވާފައިވައިރު، އެމްޑީޕީއިން އެ ދާއިރާއަށް ވާދަކުރާނީ، ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.
މިއަދު ކުރިއަށްދިޔަ ޕްރައިމެރީގައި ސިނާނުއާއި ވާދަ ކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ. ސިނާންއަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދުއަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ސައިދަށްވުރެ ސިނާން ކުރީގައި އޮތީ 39 ވޯޓެވެ.
ހިތަދޫ އުތުރު ދައިރާގެ ވޯޓް ލާނެ ތާރީހެއްގެ ގޮތުގަ އިލެކްޝަނުން ބުނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށްކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސްޕްރީމް ކޯޓުން ސާބިތުވުމާ ގުޅިގެން ކޯޓުން ހުކުމް ކުރުމުންނެވެ. ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ގައެވެ. އަލުން އެގޮނޑިއަށް ވާދަކޮށް ސިނާން ވަނީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.


