logo

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 923،984 ފަތުރުވެރިން ޒިޔާރަތްކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް 923،984 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 962،242 ފަތުރުވެރިންނަށްވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.

މި މަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުުރުވެރިންނާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައި ޗައިނާ ހިމެނޭއިރު ޗައިނާއިން ވަނީ 141,339 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އަދި ރަޝިއާ އިން 121,826 ފަތުރުވެރިން ޒިޔާރަތްކުރި އިރު، އިނގިރޭސިވިލާތުން 79,473 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހަމައެހެންމެ އިޓަލީވިލާތުން 68,906 ފަތުރުވެރިނާއި ޖަރުމަނުވިލާތުން 60,591 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 898,709 ފަތުރުވެރިންނެއެވެ.
މާފަރު އެއާޕޯޓުން 3,254 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 3,710 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 2,085 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 1,665 ފަތުރުވެރިން، ދާލު އެއާޕޯޓުން 754 އަދި ކަނޑުމަގުން 13,808 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުން ދަނީ ޓުއަރިޒަމް ސިނާއަތަށް ލިބެމުންދާ ކުރިއެރުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ad