logo

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތުން ތާއީދު ކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަދާލަތު ޕާޓީން ރޭ ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގު ކުރެއްވުމާމެދު، އޭޕްރީލް ހަތަރެއް ގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށް، "ފެންނަ ކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައި ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރެ އެވެ. އޭގެ ފަހުން އެމްޑީއޭ އިން ވެސް ވަނީ އެ ނިންމުމަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.

އެކަމާ ދެކޮޅީ އެމްޑީޕީއާއި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް ޕާޓީއިންނެވެ.

ad