logo

މަޑިވަރަށް ކުރާ ދަތުރުތައް މޯލްޑިވިއަނުން އިތުރުކުރަނީ

އާމިނަތު މޫސާ
5 ދުވަސް ކުރިން

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޅ.މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މި ނިންމުން ނިންމާފައިވަނީ މަޑިވަރަށް ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވުމާ ގުޅިގެންނެވެ. މި އިތުރުކުރުންތައް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

މޯލްޑިވިއަނުން މިހާރު މަޑިވަރަށް ހަފްތާއަކު ދެ ދަތުރު ކުރަމުންދާއިރު، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. މަޑިވަރަށް މޯލްޑިވިއަނުން ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ.

މޯލްޑިވިއަނަކީ އަބަދުވެސް ޑިމާންޑަށް ބެލުމަށްފަހު އެކި މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވަމުން އަންނަ އެއަރލައިނެކެވެ. އެގޮތުން ޢީދާއި އަދި ޗުއްޓީ ބަންދުތަކާ ދިމާކޮށްވެސް މޯލްޑިވިއަނުން ވަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ދަތުރުތައް އިންތިޒާމުކޮށްފައެވެ.

ޅ. މަޑިވަރު އެއަރޕޯޓަކީ 2022 ވަނަ އަހަރު ހުޅުވާފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ތަރައްގީކޮށްފައިވެއެވެ.

ad