logo

ކުޑަކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ޚިތާބުގައެވެ.

ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދޭންޖެހޭކަމަށް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި، އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދެއްވުމަށް ކަމުގައި، އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ad