logo

ޢީދު ހަވީރު ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރަނީ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ޢާއިލީ ގުޅުން ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި ފިތުރު ޢީދު ފާހަގަކުރުމަށްޓަކައި "ޢީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިންތިޒާމުކުރާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވެއެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މިހަރަކާތް ފަށާނީ ޢީދު ދުވަހު ހަވީރު 4 ޖަހާއިރުއެވެ. 3 ދުވަހަށް ކުރިއަށްދާ މިހަރަކާތް ކޮންމެ ދުވަހަކުވެސް ހަވީރު 4 އިން ފެށިގެން 6 ޖަހަންދެން ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ޢީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލާއިރު މިފަހަރު "ޢީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.
އަދި މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "ޢީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ޢީދު ހަވީރުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ.

"ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ވެސް އޮންނާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.

ad