އައްޑޫ ސިޓީ، ހިތަދޫގައި ގާއިމުކުރާ އައިނު ފިހާރަ ހުޅުވައިފިއެވެ.
އައްޑޫގައި މި ފިހާރަ ހުޅުވީ މިއަދު ހަވީރު 4:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވާ ތިންވަނަ އައިނު ފިހާރައެވެ. މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި މިފަދަ ފިހާރައެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އައިނު ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ވަނީ އިތުރު ފިހާރައެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައެވެ.
ސަރުކާރުގެ އައިނު ފިހާރަތައް ހިންގަމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިންނެވެ.

