logo

ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުވި: ވަޒީރު ޠާރިޤު

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ 2025 ވަނަ އަހަރު 10 ބިލިޔަން ރުފިޔާ ތެޔޮ އެތެރެކުރުމަށް ހަރަދުކުރިއިރު އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ކަމަށެވެ. އަދި މި ފައިސާއަކީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރުގައި ޚަރަދުކުރި ފައިސާކަން ފާހަގަކުރައްވައި އެކަން ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ރާއްޖޭގެ މައިގަނޑު ހުރިހާ ރަށެއްްގައިވެސް ކަރަންޓު ފޯރުކޮށްދެމުން ދަނި ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށެވެ. އަދި ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައިވެސް ކަރަންޓް އުފައްދަނީ ތެޔޮ ޖެނެރޭޓަރު ބޭނުންކޮށްގެން ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައިވެސް މައިގަނޑު ގޮތެއްގައި އުފައްދަނީ ތެޔޮ ބޭނުންކޮށްގެން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާއިރު އެއީ އަހަރެއްގެ މައްޗަށް 2،907،225 ފީފާ ޑީސަލެވެ. އަދި ގާތްގަނޑަކަށް މިހާކަށް ވަރަށް ޑީސަލް ރިސޯޓުތަކަށްވެސް ބޭނުންވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ހަކަތައިގެ ދާއިރާ ތަރައްގީކުރުމުގައި މިހާރު ވަރަށް ބޮޑަށް ސަމާލުކަމެއް ސަރުކާރުން ދެނީ އިއާދަކުރަނަވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިވަގުތު ހަމައެކަނި އިއާދަކުރަނަވި ހަކަތައިން ރާއްޖެއަށް ކަރަންޓު ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުވި ނަމަވެސް ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައާ ހަމައަށް އިއާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވި، ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމަށް އިންވެސްޓްކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި، ސްޕެޝަލް އިކޮނޮމިކް ޒޯން އިންވެސްޓްމެންޓެއް ގޮތުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅައިގެން ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނެއެވެ.

އަދި ރާއްޖެއިން ބޭރުން ގެންނަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ ކަަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ރާއްޖޭގައި ހުރި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީ އެކަމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން އެކަމަށް ހާއްސަ އިސްތިރާޖީތަކެއް ކަނޑައަޅާފައިވާއިރު، ހަކަތައިގެ މަގުޗާޓު މުރާޖައާކޮށް އަލުން އާއްމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ad