ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގަރާރެއް ހުށަހަޅުއްވައިފައެވެ.
މީކައިލްގެ ގަރާރުގައި އޮތީ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ކުރިން މަޝްވަރާ ނުކުރުމާއި، އަވަސް އަރުވާލައިގެން ފާސްކުރުމާއި ވޯޓު ނަގަން އެކަށީގެންވާ މުއްދަތެއް ނެތް މައްސަލަ އެވެ. މި ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.
މީކައިލްގެ ގަރާރުގައި ފާހަގަ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވީ ހިނދު އެއްވެސް ރޭވުންތެރި ކަމެއް ނެތި ކުރަން އުޅޭ ކަންތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކެކެވެ.
އެގޮތުން މީކާއިލް ފާހަގަ ކުރެއްވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެ ފަދަ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ރައްޔިތުންނާ ގުޅުން ހުރި މި ފަދަ މުހިއްމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ދެނެ ގަތުމަށް ނުވަތަ ރައްޔިތުންގެ ބަސް ހޯދަން މަޝްވަރާކުރުމަކީ މުހިއްމު ކަމަކަށް ވީނަމަވެސް، ގާނޫނުއަސާސީ ބަދަލުކުރަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެއްވެސް ވަރަކަށް ރައްޔިތުންނާއި މަޝްވަރާ ކޮށްފައި ނުވާކަމެއެވެ.
އަދި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ދިރާސާކުރުމާއި އެ ބިލާ މެދު މަޝްވަރާ ކުރަން އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ފާސްކުރަން މަސައްކަތް ފަށާފައިވާތީ އަދި މިހާރު ފާސްކޮށްފައި ވާތީ މިކަމުގައި ސަރުކާރުގެ ނިޔަތް ރަނގަޅޫ ނޫންކަން ހާމަވާ ކަމަށް އެ ގަރާރުގައިވެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ އާންމު ވޯޓު ކުރިއަށް އިތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އެކު ނެގުމަށް ހާމަކޮށްފައިވީ ހިނދު، މި މުއްދަތަކީ މިފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ހޭލުންތެރި ކުރުމަށާއި އަދި ކްމްޕެއިން ކުރުމަށް އެއްގޮތަކަށް ވެސް އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ގަރާރުގައިވެއެވެ.
އަދި މިހުރާ ކަންކަމަކީ އެއްވެސް ސިޔާސަތެއް އަދި ހަރުދަނާ ވިސްނުމެއް އަދި ސީދާ މަގްސަދެއް، ރޭވުންތެރިކަމެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، ގާނޫނު އަސާސީއަށް ގެންނަށް ހުށަހަޅާފައިވާ ބަދަލުތަކާމެދު ފިކުރުކޮށް ބަހުސްކޮށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު އެކަމުގެ ނަތީޖާއާއި މެދު މީހުން ހޭލުންތެރިކުރުމަށް ފަހުންނޫނީ އެފަދަ ވޯޓެއް ނެގުމަށް ނުފެންނަ ކަމަށް މީކާއީލްގެ ގަރާރުގައިވެއެވެ.
އަދި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރު ރައްޔިތުންގެ ކިބައިގައި ދެމެހެއްޓުމުގެ ގޮތުން އެއިރަކު ކުރަންޖެހޭ ކޮންމެ ކަމެއް އިސްވެ ކުރުމަކީ އެމްޑީޕީގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އެހެން ކަމުން ސަރުކާރު ގާނޫނު އަސާސީއަށް ގެންނަ ހުިށަހަޅާފައިވާ ބަދަލުތަކާއެކު އެމްޑީޕީން، ޕާޓީގެ ސިޔާސަތު އެކަށައެޅުމަށްޓަކައި ގައުމީ މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތިން ވީ އެންމެ އަވަހަށް މަސައްކަތް ފަށާއި އެ ޕާޓީގެ ސިޔާސަތު ހާމަކުރުން ކަމަށް މީކާއިލްގެ ގަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

