logo

ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލާ ޑީޖޭއޭ އުއްތަމަފަނޑިޔާރާއި ކައުންސިލުގެ ދަށަށް ބަދަލުކުރަަނީ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ޖުޑީޝަރީއަށް ގެންނަވަން ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލާ، އެ ކައުންސިލާއި އުއްތަމަފަނޑިޔާރުގެ ދަށަށް ޖުޑީޝަރީގެ އިދާރީ ގުނަވަން ކަމުގައިވާ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަދަލުކުރެއްވުމަށް ގާނޫނަށް ގެންނަވަަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުުޅުގައެވެ. އެގޮތުން، ސަރުކާރުން ގެންގުޅުއްވާ އިސްލާހީ އެޖެންޑާގެ ދަށުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ ބަދަލުކުރުމާ ގުޅިގެން ނުސީދާގޮތުން ނަމަވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެފައިވާ ކަމަށެވެ. އަދި ކުރިން ޤާނޫނު އޮތްގޮތަށް ބަދަލުތައް ގެންނަވައި ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ކައުންސިލެއް ކަމަށާއި މި ކައުންސިލްގައި ފަންނީ ދާއިރާގެ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މި އިސްލާހާއެކު ޑީޖޭއޭއަކީ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ތަނަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މިއޮންނަ ގޮތުން ކޯޓުތަކުގައި ފަނޑިޔާރުންނަށްވުރެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ބާރުގަދަވެ، އިސްފަނޑިޔާރަށް ކޯޓުތަކުގެ ހިންގުމުގެ ބާރު ނޯނަކަމަށެވެ. އެކަމުގެ ސަބަބުން ކޯޓުތައް ހިންގުމުގައި ވަރަށް ބޮޑެތި އުދަގޫތައް ކުރިމަތިވާ ކަމަށެވެ.

ޖުޑީޝަރީއަށާއި މަޖިލީހަށް އަންނަންޖެހޭ އިސްލާހީ ބަދަލުތަކަކީ ކޮންމެހެންވެސް ގެންނަންޖެހޭ ކަންތައްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ޖުޑީޝަރީއަށް ގެންނަ އިސްލާހުތަކުގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެހެން ހިފަހެއްޓުމާއި، މަޖިލީހުގެ ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުންފަދަ އިސްލާހުތައް ކުރިއަށްގެންދެވުމުގެ ވިސްނުންފުޅު ބަދަލުނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ad