އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވާދަކުރައްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މީކާއިލްއެވެ. އޭގެ ފަހުގައި ކުރީގެ ރައީސް ނަޝީދު އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވި އިރު، އެންމެ ފަހުން އެ މަގާމަށް ކުރިމަތިލާން ނިންމެވިކަން އިއުލާން ކުރެއްވީ އަލްހާނެވެ.
ކުރިއަށް އޮތީ އިދިކޮޅު އެމްޑީޕީއަށް ވަރަށް މުހިންމު އިންތިހާބެކެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޯރިގަދަ ކެމްޕެއިނެއް ފެށެން ދަނީ ތައްޔާރުވަމުންނެވެ. އެއީ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެހެން ކަމުން ވަގުތީ ޗެއާޕާސަނެއް ވަނީ އިންތިހާބު ކޮށްފަ އެވެ. މަގާމުގެ މުހިންމު ކަމުގެ ސަބަބުން ވަގުތީ ޗެއާޕާސަނެއް ވެސް އައްޔަނު ކުރުން ވެގެންދިޔައީ ބޮޑު ހަނގުރާމައަކަށެވެ. އެކަމަށްޓަކައި ފުރަތަމަ ބޭއްވުނު ބައްދަލްވުން ނިމުނީ ބޮޑު އަރައިރުމަކުންނެވެ.
ފަހުން އޮތް ބައްދަލްވުމެއްގައި އެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އިންތިހާބު ކޮށްފަ އެވެ. ނަމަވެސް ދާއިމީ ޗެއާޕާސަނެއް އައްޔަނު ކުރެވެންދެން ވެސް އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން ހިފެހެއްޓޭ ގޮތެއް ނުވި އެވެ. ޣަފޫރު ނިންމެވި ބައެއް ނިންމުންތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭން ދިމާވި އެވެ. އެހެން ކަމުން މަޖުބޫރީ ހާލަތުގައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި އެވެ.

