މިއަހަރުގެ މިހާތަނަށް މުޅި ރާއްޖޭން ޑެންގީ ހުން ޖެހިގެން 2،183 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަހުން މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 374 ކޭސް ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2،183 އަށް އަރާފައެވެ.
މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު:
ޖެނުއަރީ: 679 ކޭސް
ފެބްރުއަރީ: 428 ކޭސް
މާޗް: 600 ކޭސް
އޭޕްރީލް: 476 ކޭސް
މިދިޔަ އަހަރު ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އަދަދުތައް:
ޖެނުއަރީ - 76 ކޭސް
ފެބްރުއަރީ - 87 ކޭސް
މާރިޗް - 76 ކޭސް
އޭޕްރީލް - 135 ކޭސް
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލި އެންމެ ގިނައިން ފެތުރިފައިވަނީ އަތޮޅުތެރޭގައެވެ. އެގޮތުން އަތޮޅުތެރެއިން 1,813 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭހެވެ.
އެޗްޕީއޭ އިން ބުނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުން ކަމަށެވެ. ބަލި ޖެހިއްޖެ ހާލަތެއްގައި ޞިއްޙީ އެހީތެރިންގެ އިރުޝާދާއި އެއްގޮތަށް އަވަހަށް ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

