logo

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަށް ފެނިގެން ވަނީ އެ ސައިކަލު ހުއްޓުވާފައެވެ.

ފުލުހުން ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން އެ ސައިކަލު ވަނީ ޓޯ ޔާޑަށް ގެންގޮސްފައެވެ. އަދި ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ad