ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ދަތުރުތަކަކީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ހަފުތާއަކު ދެ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެކެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރު ކަމަށްވާއިރު، ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެއެވެ.
މި އާ ދަތުރުތަކާއެކު ރާއްޖެއާއި ޕެނޭންގާ ދެމެދު ސީދާ ގުޅުމެއް ގާއިމުވެގެންގޮސްފައިވާއިރު، މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ މި ހިދުމަތާއެކު ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އާ ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ.
މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ވީއައިއޭގެ ދައުރު އިތުރަށް ވަރުގަދަވެ، މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި، ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވެގެންދާނެއެވެ.
ރާޔާ އެއާވޭސް އަކީ ވީއައިއޭއަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ. މިއީ އާ ކާގޯ އެއާލައިންތައް ގެނެސް ކާގޯ ގުޅުންތައް ސަންދަފާތުކުރުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް ވީއައިއޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ. މީގެއިތުރުން 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކޮށްފައިވެއެވެ.

