logo

އޭލެވެލް އިމްތިޙާނަށް އަމިއްލަ ގޮތުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އެޑިޕާޓްމެންޓުން މައުލޫމާތުދެއްވައެވެ.

އެޑިޕާޓްމަންޓުން ބުނީ، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން، އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ސަރުކާރުގެ ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ.

މި އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތުތަކާއި، ޓައިމްޓޭބަލް އަދި ފީ ޝީޓު ފަދަ ލިޔެކިޔުންތައް ޑީޕީއީގެ ރަސްމީ ލިންކްޓްރީ ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން، އިމްތިޙާނުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް ވަނީ އެދިފައެވެ.

ކެމްބްރިޖް އޭލެވެލްގެ އިތުރުން، މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައިއޭއެލް އަދި އެޗްއެސްސީ އިމްތިޙާނާއި، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނާ ގުޅޭ މަޢުލޫމާތުވެސް ޑީޕީއީގެ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ.

މިއަހަރު މަތީ ސާނަވީ އިންތިހާނުގައި 3200 އެއްހާ ދަރިވަރުން ވަނީ ކިޔަވަން ފަށާފައެވެ. އަދި މުޅިން އަލަށް 13 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވަދޭން ފަށާފައިވެއެވެ. މި މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް މިއަހަރު ވަނީ %32 އިން %49 އަށް އިތުރެވެފައެވެ. މިއީ، ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަމާއި، އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވަނީ ވިދާޅުވެފައެވެ.

ad