އިސްރާއީލުން ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދެމުންދާ ހަމަލާތައް، ވަކިން ހާއްސަކޮށް ސިއްހީ ނިޒާމަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޣައްޒާގެ އާންމު ރައްޔިތުންނަށާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ބޭނުންހިތު ކަނޑައެޅިގެން ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. މި ހަމަލާތަކުގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާތީ ސަރުކާރުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް ލާޒިމުވާ އެންމެހައި އިލްތިޒާމްތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ވެވިފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް ގޮވާލާފައެވެ. އިސްރާއީލުން މި އެއްބަސްވުންތަކާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން، މަސްރަހު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަންވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގެ އާންމު ރައްޔިތުންނާއި، މަދަނީ އުމްރާނީ ވަސީލަތްތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖޭން ވަނީ ބާރުއަޅާފައެވެ. އަދި އެއްވެސް ހުރަހެއްނެތި ގައްޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށް މަޖުބޫރުކުރުވުމަށާއި، ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު އަލުން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރާ މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

.jpg&w=3840&q=75)