logo

އިސްލާމިކް ސޯޝަލް ފައިނޭންސް އަދި ކްލައިމެޓް ރެޒިލިއަންސާ ގުޅޭ ތަމްރީނު ޕުރޮގުރާމެއްގައި ޒަކާތު ހައުސްގެ ޑީޖީ ބައިވެރިވެވަޑައިގެންފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
13 ގަޑިއިރު ކުރިން

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް ސޯޝަލް ފައިނޭންސް އިންސްޓްރުމަންޓްތައް ބޭނުންކުރުމާ ގުޅޭގޮތުން ކޮމްސެކް(COMCEC) އިން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިހާރު ކުރިއަށްދާ އެގްޒެކެޓިވް ޓްރެއިނިންގ ޕުރޮގުރާމާއި ވޯކްޝޮޕުގައި ބައިވެރިވެވަޑައިގެންފިއެވެ.

"ޔުޓިލައިޒިންގ އިސްލާމިކް ސޯޝަލް ފައިނޭންސް އިންސްޓްރުމަންޓްސް އޭޒް ޕަވަރފުލް އޮލްޓަނޭޓިވްސް ފޯރ ކްލައިމެޓް ރެޒިލިއަންސް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕުރޮގުރާމަކީ، ކޮމްސެކް ޕްރޮޖެކްޓްގެ ދަށުން މެލޭޝިއާގެ އިންސީފް (INCEIF) ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ޕުރޮގުރާމެކެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޕުރޮގުރާމު އޮންނާނީ 2026 އޮކްޓޫބަރު 5އިން 8އަށް ކުއަލަލަމްޕޫރުގެ އިންސީފް ޔުނިވަރސިޓީގައެވެ. މީގެ ތެރޭގައި އޮކްޓޫބަރު 5 އަދި 6ގައި ބާއްވާ ދެ ދުވަހުގެ އެގްޒެކެޓިވް ތަމްރީނު ޕުރޮގުރާމަކާއި، އޮކްޓޫބަރު 7 އަދި 8ގައި ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެއް ހިމެނެއެވެ.

undefined

މި ޕުރޮގުރާމަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، ޒަކާތާއި ވަޤުފް މުއައްސަސާތަކުގެ މަންދޫބުންގެ އިތުރުން ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ތަނަކަށް ޖަމާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް ސޯޝަލް ފައިނޭންސް މެދުވެރިކޮށް އެހީތެރިވެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ޕުރޮގުރާމެކެވެ. މި ތަމްރީނު ޕުރޮގުރާމުގައި އަލިއަޅުވާލެވޭ މައުޟޫޢުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، އެކަންކަމަށް ހޭނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ގިންތިތަކާއި، ދެމެހެއްޓެނިވި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް އަލަށް ތަޢާރަފުވަމުން އަންނަ ކަންކަމާއި، އަދި މޫސުމަށް ހޭނުމަށްޓަކައި އިސްލާމިކް ސޯޝަލް ފައިނޭންސް ބޭނުންކުރެވިދާނެ ގޮތްތައް ހިމެނެއެވެ.

undefined

މީގެއިތުރުން، ޒަކާތާއި ވަޤުފް އަދި ޞަދަޤާތް އިންޓރގްރޭޓްކޮށްގެން ބޭނުންކުރުމާއި، ބްލެންޑެޑް އިސްލާމިކް ފައިނޭންސް މޮޑެލްތަކާއި، މޫސުމީ އަދި މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތައް ފަރުމާކުރުމާ ގުޅޭގޮތުން ވެސް ބައިވެރިން ދިރާސާކުރާނެއެވެ. އަދި މޫސުމަށް ހޭނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އިސްލާމިކް ސޯޝަލް ފައިނޭންސްގެ އުސޫލުތައް ބޭނުންކޮށްގެން މަޝްރޫޢުތައް އެކުލަވާލުމުގެ ޢަމަލީ ހަރަކާތްތަކަކީ ވެސް މި ޕުރޮގުރާމުގެ މުހިންމު ބައެކެވެ.

ad