މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ބޮޑު ސަރަހައްދަކަށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މިރޭ 7:30 އިން ފެށިގެން މިރޭގެ 23:30 އާ ހަމައަށް ނެރުނު ސަމާލުގައި ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަަމަށްވެސް އެ ސަމާލުގައި ވެއެވެ.
Maldives Meteorology on X: "Torrential rain and thunderstorms with gust winds of 40 mph expected." / X
މެޓް އިން މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ވިދާޅުވިއެވެ. މެޓް އިން ލަފާކޮށްފައިވާގޮތުގައި ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

