logo

އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ހުއްޓާލާނެ ކަމަށް ޓްރަމްޕް ބުނެފި

މަޒީ
14 ގަޑިއިރު ކުރިން

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނެފައިވަނީ އިސްރާއީލަށް ދެން އެމެރިކާގެ އަސްކަރީ އެހީ ބޭނުންނުވާ ކަމަށެވެ. އަދި ޑިމޮކްރެޓުންނާއި ވާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ރިޕަބްލިކަން ޕާޓީއަށް ފާޑުކިއުމަށް މިއީ ބޭނުންކުރާ މައުޟޫޢެއް ކަމަށްވެސް އޭނާ ބުންޏެވެ.

އެމެރިކާއިން އިސްރާއީލަށް އަހަރަކު 4 ބިލިއަން ޑޮލަރު ދެމުން އައި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން އެ ފައިސާ ދިނުން ހުއްޓާލުމަށް މަސްތަކެއް ކުރިން އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ. ނަމަވެސް، އިސްރާއީލަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިވާނެ ކަމަށާއި، އިސްރާއީލަކީ ސަރަހައްދީ ބައިވެރިއެއްގެ ގޮތުގައި ސިފަކޮށް، ދެގައުމުގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، ހޯރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގޭޝްމް އައިލެންޑަށް އެމެރިކާއިން ހަމަލާތަކެއް ދީފައިވާ ކަމަށް ޓްރަމްޕް ކަށަވަރުކޮށްދިނެވެ. އޭނާ ބުނި ގޮތުގައި އެ ހަމަލާއަކީ އީރާނުން އަލަށް ބިނާކޮށް ނިންމި އެންޓި-އެއާކްރާފްޓް ވަސީލަތަކަށް އަމާޒުކޮށް ދިން ކުޑަ ހަމަލާއެކެވެ.

މިޑްޓާމް އިންތިޚާބަށްފަހު އީރާނުގެ ގިނަ ބަޔަކު މެރުމުގެ ނިޔަތެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ. ނަމަވެސް މަޖުބޫރުވެއްޖެ ހާލަތެއްގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.

ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާގެ ޚާރިޖީ އެހީ އެންމެ ގިނައިން ލިބުނު ގައުމަކީ އިސްރާއީލެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 175 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އިސްރާއީލަށް ދެފަރާތުގެ އެހީއާއި މިސައިލް ދިފާއީ ފަންޑިން ފޯރުކޮށްދީފައިވެއެވެ.

7 އޮކްޓޯބަރު 2023 ގެ ފަހުން އެމެރިކާއިން އިސްރާއީލަށް މަދުވެގެން 21.7 ބިލިއަން ޑޮލަރުގެ ސީދާ އަސްކަރީ އެހީ ދީފައިވާ ކަމަށް ބްރައުން ޔުނިވަސިޓީގެ "ކޮސްޓްސް އޮފް ވޯ" ޕްރޮޖެކްޓުން ހާމަކުރެއެވެ. މީގެ ތެރޭގައި އޮކްޓޯބަރު 2023 އިން ސެޕްޓެމްބަރު 2025 އަށް ބައިޑަން އަދި ޓްރަމްޕްގެ ސަރުކާރުން ފޯރުކޮށްދިން އަސްކަރީ ފައިނޭންސިންއާއި، އުންޑަ މުއްސަނދިކުރުމާއި، ކުއްލި އެހީތައް ހިމެނެއެވެ.

10 އޮކްޓޯބަރު 2025 އިން ފެށިގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1,580 މީހުން ޝަހީދުވެ 5,711 މީހުން ޒަޚަމްވެފައިވެއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމުގައި ފަލަސްތީނުގެ 74,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 175,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ ސިވިލް އިންފްރާސްޓްރަކްޗާގެ 90 އިންސައްތަ ވަނީ ހަލާކުވެފައެވެ.

ad