logo

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ، ރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައެވެ.

“އިމާދުއްދީން” ގެ ނަން ދީފައިވާ މި މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ދިވެހި ސިފައިން މި މަނަވަރު ބޭނުންކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފައިވެއެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރު ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓްކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެއެވެ.

އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މަނަވަރު ކޮމިޝަންކުރަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ. އެ ކަން ހާސިލުކުރުމަށްޓަކައި ކަނޑުގެ ބާރަކަށް ދިވެހި އަސްކަރިއްޔާ ހަދާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަން ހިލްމީ ފާހަގަކުރެއްވިއެވެ.

އެ ސިޔާސަތުގެ ދަށުން މީގެ ކުރިން ތުރުކީއިން ރާއްޖެއަށް އަސްކަރީ މަނަވަރެއް ވަނީ ހޯދައިފައިވެއެވެ. އަދި މިހާރު އޮސްޓްރޭލިއާއިން ވެސް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ރާއްޖެއަށް ރައީސް މުއިއްޒު ހޯދައިދެއްވާފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް، އެ ތަންތަން ދިވެހި ކަނޑުގެ އަސްކަރިއްޔާއިން ބަލަހައްޓަމުން ދާނީ އެއްވެސް ފަސްޖެހުމެއް ނެތި ކަމަށް ވެސް ވިދާޅުވިއެވެ.

ނޭވީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށް، ރަސްމީކޮށް ޚިދުމަތަށް ނެރެވުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ.

ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

ad