މިދިޔަ އޮކްޓޫބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ޑޮލަރުގެ އާމްދަނީ، އޭގެ ކުރީ މަހާ އަޅައިބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން އާންމު ކުރި ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު ޑޮލަރުން 126.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޮކްޓޫބަރު މަހު ލިބިފައިވަނީ 96.2 މިލިއަން ޑޮލަރެވެ.
މިއީ މަހުން މަހަށް ބަލާއިރު ގާތްގަނޑަކަށް 24 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 85.9 މިލިއަން ޑޮލަރާ އަޅައިބަލާއިރު މިއީ ގާތްގަނޑަކަށް 12 އިންސައްތައިގެ ކުރިއެރުމެކެވެ.
ޑޮލަރު އާމްދަނީ ދަށްވި ނަމަވެސް، ޖުމްލަ ގޮތެއްގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
އެގޮތުން އޮކްޓޫބަރު މަހު ދައުލަތަށް 2.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ.
މި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އާއި އާންމު ޖީއެސްޓީ (ޖީޖީއެސްޓީ) ގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ހިމެނެއެވެ.
މީގެ އިތުރުން، އެއާޕޯޓް ޓެކުހުގެ އާމްދަނީ އިތުރުވުމާއި، ކޯޕަރޭޓް އިންކަމް ޓެކްސާއި ޓޫރިޒަމް ބިމު ކުލީގެ އެރިއާސް (ނުދައްކާ ހުރި ފައިސާ) ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ވެސް އާމްދަނީ އިތުރުވުމަށް އެހީތެރިވެދީފައިވެއެވެ.
ކޮންމެއަކަސް، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، ބޭރު ފައިސާގެ ތާށިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އޮންނާނެއެވެ.
އަދި ގައުމުގެ ދަރަނި ބޮޑުވުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

