މާފުށި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފިއެވެ.
ކަރެކްޝަންސް އިން ބުނީ ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ދީފައެއް ނުވެއެވެ.
ޖަލަށް މަނާ ތަކެތި ވެއްދުމާއި، ސްކޭމް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވިގެން މީގެ ކުރިންވެސް މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެެ.
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓާފައެވެ. އޭގެ އިތުރުން ވެސް މުވައްޒަފުން ތަމްރީންކުރުމާއި އިތުރު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
