މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވަނީ 11:30 މިއަދު 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި މުއްދަތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ސަމާލުކަން ދެއްވުން އެދިފަވެއެވެ.
މީގެ އިތުރުން، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްވެސް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

.jpg&w=256&q=75)
