ހުޅުމާލޭގައި 100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ގާއިމްކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ހުޅުމާލޭގައި ކަންނެލި ފެކްޓަރީ އަޅަން ފަށާނީ ކޮން އިރަކުންތޯ އާއި، ސަރުކާރުގެ ވައުދާއި އެއްގޮތަށް 80 ރުފިޔާއަށް ކަންނެލި ގަންނަން ފެށޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، 18 މަސް ދުވަހުގެ ތެރޭގައި އެ ފެކްޓަރީގެ މަސައްކަތް އެއްކޮށް ނިންމަވާނެ ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި މަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިފްކޯއިން ކަންނެލި މަސްވެރިކަމަށް މިދިޔަ އަހަރު ވަދެފައި ވީނަމަވެސް، އެ ކުންފުނިން އަދި ގަންނަނީ 10 ކިލޯ އާއި 15 ކިލޯގެ މަސް ކަމަށެވެ.
މިފްކޯގެ އައިސް ޕްލާންޓް ގާއިމްކުރެވިފައިވާ ރަށްރަށުން ވެސް މި ވަގުތު 10 ކިލޯ އާއި 15 ކިލޯއިން މަތިން މަސް ގަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި ސަރުކާރުން ބޮޑުކަންނެލި ފެކްޓްރީއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރެއްވީ، 2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

