ވައިގެމަގުން ރާއްޖެއަށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި ނޯރައިޓްގެ / ނ. ޅޮހި، އިބްރާހީމް އަތޫފް (20އ) އާއި އިތުރު ދިވެއްސެކެވެ.
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
އަދި އިބްރާހީމް އަތޫފްއާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުލައި 20 ވަނަ ދުވަހު ހުޅުމާލެއިން ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.

