ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް މިއަދު އެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ. މިއަދު ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށް. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އެމްޑީ ވަނީ ދެއްވާފައެވެ. މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ. މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ވަނީ ފަށާފައެވެ. ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ވަނީ ހަރަކާތްތެރިވެފައެވެ.


