logo

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް އާދިއްތަ ދުވަހު ހުޅުވާލަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވައިލަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޖުލައި 12 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވާފައިވާކަމަށެވެ.

އެ ފުރުސަތު ހުޅުއްވާލައްވަނީ، މިމަހުގެ 12 ވާ އާދީއްތަ ދުަވަހުން ފެށިގެން އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.

އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށާއި، އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ސަމާލުކަން ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ އެދިވަޑައިގެންފައެވެ.

ad