މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރ. މަޑުއްވަރީ ބަނދަރުން ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރިކަން އަންގައި އާންމުކުރުމަށްފަހު އެ ބަނދަރުންވެސް މަސް ގަންނާނީ ކުރިން ކަނޑައަޅައަޅާފައިވާ ގޮތަށް 21 ރުފިޔާއަށް ކަމަށް ނިންމައިފިއެވެ.
މިއަދު ހެނދުނު ނެރުނު އަގުތަކުގެ ތާވަލުގައި، ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފަދަ މައި މަރުކަޒުތަކުގެ އިތުރުން ގދ. ތިނަދޫ، ހއ. އިހަވަންދޫ، އަދި މ. މުލަކު ފަދަ ސަރަހައްދީ ބަނދަރުތަކުގައި ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާއަށް ގަންނަމުން ދިޔަ ނަމަވެސް، މަޑުއްވަރީގެ އަގު އޮތީ އެންމެ 20 ރުފިޔާގައެވެ. މިއާއެކު މިދިޔަ އޮގަސްޓް 29 ގައި މުޅި ރާއްޖޭގައި މަސްގަންނަ އަގު 21 ރުފިޔާއަށް ބޮޑުކުރި ފަހުން، އެ އަގު ދަށްވި ހަމައެކަނި ބަނދަރަކަށް މަޑުއްވަރީ ވެގެންދިޔުމުން މަސްވެރިންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ. ނަމަވެސް ގަޑިއިރުތަކެއްގެ ތެރޭގައި އެ ޕޯސްޓް ފޮހެލައި، މަޑުއްވަރީ ހިމެނޭހެން ހުރިހާ ސަރަހައްދެއްގެ އަގު 21 ރުފިޔާއަށް މިފްކޯއިން ވަނީ އެއްހަމަކޮށްފައެވެ.
ކަޅުބިލަމަހުގެ އަގަށް މިފަދަ ބަދަލެއް އައި ނަމަވެސް، ބޮޑު ކަންނެލި ގަންނަ އަގުތައް ހުރިހާ ސެންޓަރެއްގައިވެސް ހުރީ އެއް ހަމައެއްގައެވެ:
ކަޅުބިލަމަސް ކިލޯއެއް -/21 ރުފިޔާ
ބޮޑު ކަންނެލި (10–15 ކިލޯ): ކިލޯއެއް -/20 ރުފިޔާ
ބޮޑު ކަންނެލި (15 ކިލޯއިން މަތި): ކިލޯއެއް -/25 ރުފިޔާ
މިފްކޯގެ ކަޅުބިލަމަސް ގަންނަ އަގުތަކަށް ވޭތުވެދިޔަ މަސްތަކުގައި ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ޖޫން މަހުގެ ކުރީކޮޅު ކިލޯއެއް 17 ރުފިޔާގައި އޮތުމަށްފަހު، ޖޫން 8 ގައި 18.50 ރުފިޔާއަށް އަދި ޖޫން 14 ގައި 20 ރުފިޔާއަށް އަގު އުފުލުނެވެ. އެ އަގުގައި ދެމިއޮތުމަށްފަހު، އޮގަސްޓް 29 ގައި މިފްކޯއިން ވަނީ މުޅި ރާއްޖޭގެ މައި މަރުކަޒުތަކާއި ކަލެކްޝަން އުޅަނދުތަކުން މަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފައެވެ.

