logo

ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ސޮއި ކޮށްފި

މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތ. ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާ މި ރަށުގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެކެވެ.

މި މަޝްރޫއުގެ ދަށުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 'ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް' ގެ ދަށުންނެވެ.

ކޯލްޑް ސްޓޯރޭޖުގެ ސަބަބުން މަސް އުކާލަން ނުޖެހި ތާޒާކަންމަތީ ރައްކާކުރެވި، މަސް ކައްކައި ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބުމަށް މަގުފަހިވާނެއެވެ.

މި ނިޒާމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް އެހީތެރިވެދޭނެއެވެ.

ad