މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 2026 ވަނަ އަހަރުގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން، މި އިންތިޚާބުގައި ޕާޓީގެ އެކި ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި އިންތިޚާބުގައި ކުރިމަތިލެވޭ މަގާމުތަކުގެ ތެރޭގައި އަތޮޅު އަދި ސިޓީއަކުން ގައުމީ މަޖިލިސްއަށް އިންތިހާބު ކުރާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުގެ މެންބަރުންގެ އިތުރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ސެކްރެޓަރީން ހިމެނެ އެވެ. މީގެ، އިތުރުން އަންހެނުންގެ ރޫހުގެ ރައީސާއިންނާއި، ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި، އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބު ކުރާ މެންބަރުން އަދި ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން ހިމެނެ އެވެ. ކޮންމެ ދާއިރާއަކުން ވެސް މި މަގާމުތަކަށް މީހުން އިންތިޚާބު ކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.
އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 20 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރަކަށް ވުން ހިމެނެ އެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ހިތްވަރުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 31 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މި އިންތިޚާބުގައި ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުންގެ ގޮތުގައި ކޮންމެ ރަށަކުން 500 އަށް ވުރެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ގިނަ ނަމަ 2 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި 1000 އަށް ވުރެ އިތުރު ނަމަ އިތުރު 1 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން ކޮންމެ ސިޓީއެއްގެ އިންތިހާބީ ދާއިރާއަކުން 2 މެންބަރުން އިންތިހާބު ކުރާނެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު ހުށަހަޅަންޖެހޭ އުސޫލުތައް އެ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.


