logo

އޮޑިޓް އޮފީހުން އެދުނު 133.5 މިލިއަން ރުފިޔާގެ ބަޖެޓް ދޭން ނިންމައިފި

ދިޔާމާ އިބްރާހިމް
14 ގަޑިއިރު ކުރިން

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި ހުށަހެޅި 133 މިލިޔަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި މި ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި މި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވިއިރު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ބަޖެޓް ފާސްކޮށްފައެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވީ 133،590،265( ސަތޭކަ ތިރީސް ތިން މިލިޔަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓެކެވެ.

މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

މި ބަޖެޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މާލީ އިދާރާތަކުގެ އޮޑިޓްތަކާއި، މި އަހަރު ނުނިމި ހުރި މުހިންމު މަސައްކަތްތައްވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ

މީގެއިތުރުން، ހިނގަމުންދާ އަހަރަށް އެ އޮފީހަށް ފާސްކޮށްދިން 134.2 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުކުރެވިފައިވަނީ 56.9 މިލިއަން ރުފިޔާ ކަމަށާއި، އަހަރު ނިމޭއިރު އިތުރު 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭތީ، އަހަރު ނިމޭއިރު ބަޖެޓުން 31 މިލިއަން ރުފިޔާ ބާކީވާނެ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ މަޖިލީހުގެ ކޮމިޓީގައި ހާމަކުރައްވާފައެވެ.

ad